الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:
“(އިސްލާމްދީން) ނައްތާލާނެކަމަށް ނުވަތަ އެދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއް ބާޠިލުކުރާނެ ކަަމަށް ބުނާ މީހަކު ހަމަކަށަވަރުން އެއީ އެއްވެސް ހާލެއްގައި ފުރިހަމަވާނެ އެދުމެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ) (1)
ތަފުސީރީ ތަރުޖަމާއީ: “އަދި ﷲ (ސުބުޙާނަހޫ ވަތަޢާލާ) އެއިލާޙުގެ އަމުރުފުޅުގެ(ކަންތައްތަކުގެ މައްޗަށް، އިރާދަކުރައްވާ ތަޤްދީރުކުރައްވާ ކަންކަމުގެ) މައްޗަށް ބާރުވެ ވޮޑިގެންވާ އިލާހެވެ. (އެބަހީ އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވަވައެވެ. އެކަންމަނާކުރެވޭނެ، ބާޠިލުކުރެވޭނެ ފަރާތެއްނުވެއެވެ.) ނަމަވެސް ގިނަ މީސްތަކުން (ﷲސުބުޙާނަހޫ ވަތަޢާލާ އިރާދަކުރައްވާނީ ކޮންކަމެއްކަން ނުވަތަ) އެކަމެއްނުދަނެއެވެ.”
އެއްވެސް މީހަކު މިދީނަށް ނުވަތަ މިދީނުގެ އަހުލުވެރިންގެ މައްޗަށް ޢަދާވާތްތެރިވެއްޖެނަމަ ﷲ (ސުބުޙާނަހޫ) އެމީހަކު ދައްނުކުރައްވާ މީހަކުނުވެއެވެ. ފިރުޢައުނު މޫސާ ޢަލައިހިއްސަލާމްއަށް ޖެއްސުންކުރިއެވެ. އަދި މޫސާ ޢަލައިހިއްސަލާމްއަށް ތަބާވީ (މީސްތަކުންގެ ތެރެއިން) ބަޔަކަށް ބުންޏެވެ.
(لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ) (2)
މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ އަތްތަކާ އަދި ފައިތައް ޚިލާފުވާނޭހެން(ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަންނާ ބުރިކުރާހުށީމެވެ. އަދި އެޔަށްފަހު ހަމަކަށަވަރުން ތިޔަހުރިހާ އެންމެން ޞަލީބަށް އަރުވާހުށީމެވެ.”
ފަހެ ﷲ (ސުބުޙާނަހޫ ވަތަޢާލާ) ފިރުޢައުނު ކަނޑަށް ޣަރަޤު ކުރެއްވިއެވެ.
އަދި ޝުޢައިބު ޢަލައިހިއްސަލާމްގެ ޤައުމުގެ މީސްތަކުން އެބައިމީހުންގެ ނަބިއްޔާއަށް މަލާމަތްކުރަމުން، ޝުޢައިބު ޢަލައިއްސަލާމްއަށް ބުންޏެވެ.
(أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ) (3)
މާނައިގެ ތަރުޖަމާއީ: “އަދި ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކުރުމަށާއި އަދި ތިމަންމެން ބޭނުންވާގޮތަކަށް ތިމަންމެންގެ މުދާތަކާއި މެދު ކަންތައް ކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު އަމުރުކުރަނީހެއްޔެވެ؟(4)
ފަހެ ދެން ގަދަފަދަ އަޑަކާއެކުގައި އެބައިމީހުންގެ ކަކޫ މައްޗަށް (ވެއްޓިފައިވާ ހާލު) މަރުވެފައިވާ ބަޔެއްކަމުގައި އެބައިމީހުންވިއެވެ.” (5)
ޝެއިޚުގެ ބަސްކޮޅު ނިމުނީ
وصلى الله وسلم على نبينا محمد و آله و صحبه أجمعين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ.
_________
(1) سورة يوسف: 21
(2) سورة الأعراف: 124
(3) سورة هود: 87
(4) (އެބައިމީހުން އެހެންބުނީ އެކަލޭގެފާނު ގިނަގިނައިން ނަމާދުކުރާތީ އެކަމާ އަޅުވައި މަލާމާތްކުރުމުގެ ނިޔަތުގައެވެ. އެއީ މިޒަމާނުގައި މީހުން ބުނާހެން ބަލަ ކަލޭގެ ފައިކުރީ މިކަންކުރަން އަންގަނީހޭ ނުވަތަ ތުނބުޅި މިކަންކުރަން އަންގަނީހޭ ބުނާ މަލާމާތްކުރާ އުޞްލޫބުގެ ދަށުންނެވެ. އެއްވެސް ހާލެއްގައި އެކަލެގެފާނު ނަމާދުކުރައްވާތީ ޘަނާކިޔުމުގެ ޤަޞްދަކުނޫނެވެ. ﷲ އަޢުލަމް)
(5) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިކުޑަ ރިސާލާއިން ނެގިފައިވާ މައުޟޫއެކެވެ.