الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد
“އެންމެހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ތަޤުވާވެރިވެލައްވާށެވެ. ހަމަކަށަވަރުން އެންމެ މޮޅުވެގެންވާ ލިބުމަކީ ތަޤުވާވެރިވުން މެނުވީ ދެން ކޮންއެއްޗެއް ހެއްޔެވެ؟ އަދި އެންމެ މޮޅު ކަމަކީ އެއިލާހަށް ކިޔަމަންތެރިވުމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ [آلعمران: 102].
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ފަހެ ޙައްޤުގޮތުގައި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާހުށިކަމެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުވެނުދާހުށިކަމެވެ.”
އެންމެހާ ލޮބުވެތި މުސްލިމުންނޭވެ. ނަޞީޙަތް ޤަބޫލުކުރުމަކީ ހިދާޔަތު ލިބިފައިވާ ކަމުގެ ދަލީލެކެވެ. އަދި ނަޞީހަތް ދެވުމުން ޙައްޤަށް ރުޖޫޢަވުމަކީ އެކަމުގައި ނުހަނު މާތްކަން އެކުލެވިގެންވާ ކަމެކެވެ. ފަހެ ބުއްދިހަމަ ޖެހޭ ވިސްނޭ މީހާއަށް ނުބައިވެގެންވާ ފާފައަކަށް އަރައިގަނެވިއްޖެކަމުގައި ވާނަމަ އަދި އެޔަށްފަހު އެމީހަކަށް ނަޞީހަތް ދެވުމުން އެކަމުން ދުރުހެލިވާ ހުއްޓެވެ. އަދި އެކަމުން ބަރީއަވާ ހުއްޓެވެ. އަދި އެކަމާ ދުރަށް ގޮސް ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުން ގޮވާލެވޭ ތައުބާގެ ގޮވާލުމަށް އެމީހާ އިޖާބަ ދޭ ހުއްޓެވެ. އަދި އޭނާގެ ތަޢުބާ އިއުލާން ކޮށް ކިޔަމަންގަތުމުގައި ހެޔޮއަމަލުގައި ހިފަހައްޓާނެއެވެ.
އެޔާ ޚިލާފަށް މަގުފުރެދިފައިވާ މީހުން މީސްތަކުންގެ މަލާމާތަކަށް އަދި ފުރައްސާރައަކަށް ނުބަލާނެއެވެ. އަދި ސަމާލުކަމެއް ނުދޭނެއެވެ. އޭނާ މީސްތަކުންގެ މަލާމާތަކަށް ބިރެއް ނުގަންނާނެއެވެ. އަދި މީސްތަކުން ކިޔާ އެއްޗަކަށްވެސް ބިރެއްނުގަންނާނެއެވެ. އަދި އެކަމުން އޭނާ ދުރުނުވާ ހުއްޓެވެ. އަދި އޭނާއަށް ދެވޭ ނަޞީހަތަށް އޭނާ ބީރުކަންފަތެއް ދެއެވެ. އަދި ދެވޭ ނަޞީޙަތާއި މެދު އަޅާވެސް ނުލާހުއްޓެވެ. އަދި ތިޔަބައިމީހުންނަށް އެމީހަކު ފެންނަހުށީ އަބަދުވެސް ފާފަކުރުމުގެ މަތީގައި ވާތަނެވެ. އަދި އޭނާ ވާހުށީ އެއަނދިރިކަމުގެ މަތީގައި ދެމިހުންނަ މީހެއްކަމުގައެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِذَا قِيلَ لَهُ اتَّقِ اللَّهَ أَخَذَتْهُ الْعِزَّةُ بِالْإِثْمِ [البقرة: 206]
މާނައީ: އަދި اللَّهއަށް ތަޤުވާވެރިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ.”
އެމީހަކަށް ނަޞީހަތް ދެވުމުން ރުޅިގަދަވެ އެކަމާ ބޮޑާވެ ގަނެއެވެ. އަދި ދެވޭ ނަޞީހަތް އޭނާ ޤަބޫލުނުކުރާ ހުއްޓެވެ. އޭގެ ބަދަލުގައި އޭނާ ވާހުށީ އޭނާގެ އެނުބައިކަމުގެ އަނދިރީގެ ތެރޭގައެވެ. އަދި އެންމެ ޖާހިލުކަމާއި އެކު އޭނާ އެކަމަށް ރައްދުދެއެވެ.
އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ފަހެ މީހަކު އޭނާގެ އަޚާ އޭނާއަށް ﷲއަށް ތަޤުވާވެރިވާށޭ ބިރުވެތިވާށޭ ބުނެފިނަމަ އެމީހަކާއި ދިމާއަށް: “ތިބާގެ ނަފުސަށް ބަލާށޭ” ” އަހަރެންނަށް ނަޞީހަތްދެނީ ކަލޭފަދަ މީހެއްހެއްޔޭ” ބުނުން ފާފައެއް ކަމުގައި ފުދެއެވެ.”
ނަޞީހަތް ދެވުމުން އެނަޞީޙަތެއް އަނބުރާ ރައްދުކުރުމާއި އަދި ނަޞީހަތް ދޭމީހާއަކީ އެއްވެސް އަގެއްނެތްމީހަކަށް ބެލުމާއި، އަދި ނަޞީޙަތްދެވޭ ކަންތައްތަކުގެ ދަރަޖައަށް ބެލުމަކީ، މިއީ މޮޔައިންނާއި އަދި ބޮޑާމީހުންގެ އާދައެކެވެ. އަދި ފާސިޤުންނާއި މުނާފިޤުންގެ ސިފައެކެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِذَا ذُكِّرُو الَا يَذْكُرُونَ [الصافات: 13]
މާނައީ:”އެބައިމީހުންނަށް ހަނދާންކޮށްދެވިއްޖެނަމަ އެބައިމީހުން ހަނދާންނުކުރެއެވެ.”
ހޫދުގެފާނުގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނު އިންޒާރު ދެއްވާ އެބައިމީހުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވައި އަދި އުފާވެރިކަމުގެ ޚަބަރު ދެއްވައި އަދި ޙައްޤު ބަޔާންކޮށްދެއްވައި ސާފުކޮށްދެއްވުމުން، އެބައިމީހުން އެކަލޭގެފާނަށް ދެއްވި ޖަވާބު ﷲ ސުބުހާނަހޫ ވަތަޢާލާ ބަޔާންކޮށްދެއްވަވަމުން ވަޙީކުރެއްވިއެވެ.
قَالُوا سَوَاءٌ عَلَيْنَا أَوَ عَظْتَ أَمْ لَمْ تَكُنْ مِنَ الْوَاعِظِينَ [الشعراء: 136]
މާނައީ: “އެބައިމީހުން ބުންޏެވެ. ކަލޭގެފާނު ނަޞީޙަތްދެއްވިޔަސް އަދި ނަޞީޙަތް ދޭ މީހުންގެ ތެރެއިން ނުވިޔަސް ތިމަންމެންގެ މައްޗަށް ވަނީ ހަމަހަމަވެގެންނެވެ.”
އެބަހީ: އެބައިމީހުން ތިބިގޮތް ނަޞީހަތް ދިނަސް އަދި ނުދިނަސް ބަދަލުނުކުރާނޫއެވެ.
ދެން އެބައިމީހުން ހަލާކުކުރެއްވުން ހޫދު عليهالسلام އެބައިމީހުންނަށް ފާޑުވިދާޅުވަމުން ވިދާޅުވި ބަސްފުޅުގައި ވެއެވެ. އެބަސްތައް އެބައިމީހުންނަށް އިވޭކަމުގައިވިއެވެ.
لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَكِنْ لَا تُحِبُّونَ النَّاصِحِينَ [الأعراف: 79].
މާނައީ: “ހަމަކަށަވަރުން، އަހުރެންގެ ވެރިއިލާހުގެ ރިސާލަތު ތިޔަބައިމީހުންނަށްއިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން ނަޞީޙަތްތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ނަޞީޙަތްތެރިވާ މީހުންދެކެ ލޯބިވާބައެއްކަމުގައި ނުވަމުއެވެ.”” (*) (ނުނިމޭ)
____________
މިއީ 1434 ވަނަ އަހަރުގެ ޞަފަރު މަހުގެ 22 ވަނަވީ ހުކުރުދުވަހު މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއް ޝައިޚު ޞަލާޙް ބުދެއިރު ޙަފިޡަހުﷲ މަސްޖިދުއް ނަބަވީގައި ދެއްވާފައިވާ ދެއްވާފައިވާ ޚުތުބާއިން ނަގާފައިވާ މައޫޟޫއެކެވެ.