الحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:
“ހެޔޮކަންކަމަށް އަމުރުކުރާ މީހުންނަށާއި އަދި ނުބައިކަންކަން މަނާކުރާމީހުންނަށް ދަތިއުނދަގޫތަކާއި ދުއްތުރާތައް ޖެހޭނެ ހެއްޔެވެ؟
ހެޔޮކަންކަމަށް އަމުރުކުރާ މީހުންނާއި އަދި ނުބައިކަންކަން މަނާކުރާ މީހުން ޣާފިލުވުމާއި އަދި ޝަހުވަތްތަކުން އެމީހުންގެ ނަފުސު ދުރުކުރެއެވެ. އަދި މީސްތަކުން އެބައިމީހުން އެކަމެއްގެ މަތީގައި އުޅެ، އިޢުތިޤާދުކޮށްފައިވާ ޤޯސް އިޢުތިޤާދުތައް ރަނގަޅުކޮށްދެއެވެ. އަދި މިކަމަކީ އެމީހެއްގެ މަސައްކަތްކަމުގައި ވެއްޖެމީހާ ފަހެ ހަމަކަށަވަރުންވެސް އެމީހަކަށް ދަތިތަކާއި އުނދަގޫތައް ޖެހެއެވެ. ސަބަބަކީ އެކަންކުރާ މީހާ އެމީހުންނާއި އަދި އެމީހުން އެދޭ ކަންތައްތަކުންނާއި އަދި ޤަބޫލުކުރާ(އިޢުތިޤާދުކުރާކަންކަމުން) ދުރުކުރާތީއެެވެ.
މިކަމުގެ ސަބަބުން ލުޤުމާނު (ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ދަރިކަލުންނަށް އެއަޅުކަން އަދާކުރައްވާނަމަ ކެތްތެރިވުމަށް ވަޞިއްޔަތްކުރެއްވެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ) (1)
މާނައިގެ ތަރުޖަމާއީ:”އޭމަގޭ ލޯބިވާ ކުޑަދަރިފުޅާއެވެ. ނަމާދުޤާއިމުކުރާށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން މަނާކުރާށެވެ. އަދި(އެކަމުން) ޖެހޭ މުޞީބާތްތަކަށް ދަރިފުޅުކެތްތެރި ވާށެވެ.”
އަދި އެއީ އެއިލާހުގެ އަޅުތަކުންގެ މައްޗަށްވާ ﷲސުބުޙާނަހޫ ވަތަޢާލާގެ ސުންނަތެވެ. އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ހެޔޮކަންކަމަށް އަމުރުކުރާ އަދި ނުބައިކަންކަމަށް މަނާކުރާ މީހާގެ މައްޗަށް ކޮންމެހެންވެސް ދަތިއުނދަގޫތަކާއި ތުރާތައް މީސްތަކުންގެ ކިބައިން ޖެހޭނެއެވެ. ފަހެ އެބައިމީހުން ކެތްތެރިވާށެވެ. އަދި (ލިބެންއޮތް ބޮޑުވެގެންވާ އަޖުރަށް) އުއްމީދުކުރާށެވެ.”
ފަހެ އެމީހަކު މިއަޅުކަމަކާއިގެން ތެދުވެއްޖެނަމަ އެމީހަކު ގެންގުޅޭ ގޮތުގެ(ގޮތްތަކުގެ) ސުލޫކާއި މެދު ބިރުނުގަންނާށެވެ. އަދި ދިމާވާ އުނދަގޫތަކަށް ޘަވާބުލިބުމަށް، އެމީހެއްގެ ޘާބިތުކަމަކީ އަދި ރައްކާތެރިކޮށްދޭ ކިއްލާކަމަކީ އަދި އިތުބާރަކީ އެމީހެއްގެ ކެތްތެރިކަންކަމުގައި ހަދާށެވެ. ފަހެ އޭރުން ﷲގެ ޙަޟްރަތުގައިވާ އަޖުރު ނުހަނު ބޮޑުވެގެންވެއެވެ.
އަދި ﷲގެ ވަޖުހުފުޅަށްޓަކައި (އިޚުލާސްތެރިކަމާއެކު) ހެޔޮޢަމަލުތައް ކުރާށެވެ. ސަބަބަކީ އޭރުން ތިބާ ކޮންމެ ޙާލެއްގައިވެސް ކާމިޔާބުލިބޭ މީހަކަށްވާނެއެވެ. އަދި ތިބާގެ ދެކޮޅު ހެދުމުން(ނުބައިކަމަށް ދެކޮޅުހެދުމުން) އެއްވެސް ދެކޮޅުހަދާމީހަކަށް ނުވަތަ މީހުންދައްކާ ދަޅަތަކަކުން ތިބާއަށް ގެއްލުމެއް ނުދެވޭނެއެވެ. ނަމަވެސް ﷲއަށް ޝުކުރުކުރާށެވެ. ސަބަބަކީ ތިބާއަކީ ހެޔޮކަން އަދާކުރާމީހެކެވެ. އަދި ދުނިޔެއަކީ އެތައްބަޔަކު ފަނާވެ ޣަރަޤުވެފައިވާ ފުންކަނޑެކެވެ. ފަހެ(އެކަނޑުގައި ދުއްވާ) ތިބާގެ ބައްތެއްޔަކީ ﷲގެ ތަޤުވާކަމުގައި ހަދާށެވެ.”(2)
وصلى الله وسلم على نبينا محمد و آله و صحبه أجمعين.
މިފޮތުގެ އިތުރުބައިތައް ބައްލަވާ.
____________
(1)سورة لقمان: 17
(2) މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ) މިފޮތުން ނެގިފައިވާ މައުޟޫއެކެވެ.