[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

لا اله الا الله محمد رسول الله ގެ މާނަ

998902_10151655869169889_757039666_nފުރިހަމަ މުއުމިނަކަށްވެ އިސްލާމަކަށް ވެވޭނީ މި ދެ ކަލިމައިގެ މާނަ ދަސްކޮށް ހިތުގެ އަޑީން ޤަބޫލުކޮށް، ދުލުން ކިޔައި އެ ދެ ކަލިމައިން އެދެވޭ މުރާދެއް ތިމާގެ ޢަމަލުތަކުން ގެނެސް ގަނެގެންނެވެ. ވީއިރު މިދެ ކަލިމައިގެ މާނަ އެންމެން އުނގެނުން ލާޒިމުއެވެ.

لا اله الا الله ގެ މާނައީ:

ﷲ ނޫން އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެބަހީ ﷲ ތަޢާލާ މެނުވީ އަޅުކަން އެފަރާތަކަށް ކުރުން ހައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

އާދެ، ﷲ ތަޢާލާ ފިޔަވައި އިންސާނުން އަޅުކަން ކުރާ ހުރިހައި ތަކެއްޗަކީ އަޅުކަން ކުރުން ޙައްޤު ނޫން ތަކެތިކަމުގައި ބުނެ އިޤްރާރު ވަނީއެވެ. މީސްތަކުން އަޅުކަންކުރާ ބުދުތަކާއި، ހިލަތަކާއި، ގަސްގަހާ ގެއްސާއި، އިރުހަނދާއި، ތަރިތަކާއި، އަލިފާނާއި، ކޯރުތަކާއި، ޒިޔާރަތްތަކާއި، ޤަބުރުތަކާއި، މަގާމުތަކާއި އަދި މިނޫންވެސް އަޅުކަން ކުރުމުގެ ގޮތުން ފަރާތްތަކަށް އަދަބުވެރިވެ ކިޔަމަންތެރިވާ ހުރިހާ ފަރާތްތަކެއް ބާތިލް ކުރީއެވެ. އަދި އަޅުކަން ކުރުން ޙައްޤު ވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމުގައި ބުނެ އިޤްރާރު ވީއެވެ.

 محمد رسول اللهގެ މާނައީ:

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ﷲ ތަޢާލާގެ ރަސޫލާއެވެ. އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވާފައިވާ ރަސޫލާއެވެ.

މިކަލިމައިން އެދެވޭ މުރާދަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ﷲ ތަޢާލާގެ އަމުރުފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް ފޮނުއްވި ރަސޫލާ ކަމުގައި ޤަބޫލުކުރުމެވެ. އަޅުކަންކުރާނޭ ގޮތާއި އަދިވެސް ދީނުގެ ހުރިހާ ކަމެއް މީސްތަކުންނަށް ދަސްކޮށް ދެއްވުމަށް ފޮނުއްވި ރަސޫލާ ކަމުގައި ޤަބޫލުކޮށް އިޤްރާރު ވުމެވެ. ވީމާ، އެއްވެސް ބާވަތެއްގެ އަޅުކަމެއް ކުރަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާފައިވާ ގޮތާ ޚިލާފައަށް ނުކުރުމެވެ. އަދި، ﷲ ތަޢާލާގެ ޙަޟްރަތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ހުރިހާ ކަމަކަށް ކިޔަމަންތެރިވެ އެކަންކަން ކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރެއްވި ހުރިހާ ކަމަކުން ދުރުވެގަތުމެވެ.

ފުރިހަމަ މުއުމިނަކަށްވެ މުސްލިމަކު ކަމުގައި ބެލެވޭނީ މިބަޔާންވެދިޔަ ގޮތުގެ މަތިން ޢަމަލު ކުރީމައެވެ.

لا اله الا الله , محمد رسول اللهގެ މާނައަކީ މިއީއެވެ.

 

ސުވާލު:

(1) ފުރިހަމަ މުއުމިނަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟

(2) لا اله الا اللهގެ މާނައަކީ ކޮބައި ހެއްޔެވެ؟

(3) محمد رسول اللهގެ މަނައަކީ ކޮބައި ހެއްޔެވެ؟

(4) މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ކާކުހެއްޔެވެ؟